Thursday, April 23, 2020

މިސްކިތްތައް ބަންދު ކޮށް ހުކުރާ ހައްޖު ކުރުން ހުއްޓާލުން



ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކު ފެތުރޭ ކޮވިޑް19 ރޯގާ ގެ ބިރަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ވަނީ އެއްވެ އުޅުން މަނާކޮށް ރައްޔިތުން ގޭތަކުގައި ބަންދު ކޮށްފައެވެ. މިކަމުގެ ސަބަބެއްކަމަށް ބުނެފައިވަނީ މި ރޯގާއިން ސަލާމަތް ވުމަށެވެ. އަދި މުސްލިމު ގައުމުތަކުގައި މިސްކިތްތައްވެސް ވަނީ ބަންދު ކުރެވިފައެވެ. ހުއްޖަތަކަށް ދައްކަނީ އަމިއްލައަށް އަނިޔާ ލިބިނުގަތުމަށް ހަދީސް ކުރައްވާފައިވާ ހަދީސްފުޅާއި މެލޭޝިއާގައި ހިންގި މިސްކިތް އިވެންޓް ގެ ސަބަބުން އެގައުމުގައި ކޮރޯނާ ވައިރަސް ފެތުރުމުގެ ސަބަބުންނެވެ.

މި ދެކަންތަކަށް ބަލާލަމާތޯއެވެ. އަނިޔާ ކުރުމާ ލިބިގަތުން ދީނުގައި ނޯންނަ ކަމަށް ކުރެއްވި ހަދީސްފުޅަކީ އާއްމު އުސޫލުން ދީނުގެ ކަންތައްތައް ތަރުތީބު ކުރެވިފައިވާ ގޮތެވެ. އެފަދަ އާއްމު ދަލީލެއް ނަގައިގެން ދީނުގެ ބޮޑެތި ތަނބުތައް މުގުރާލުން ފަދަ ކަންތައްތަކަށް މި ކުރެވެނީ މުސްލިމުންގެ މެދުގައި ދީނީ އަދި ސައިންސުގެ އިލްމު މަދުވެ އަނިޔާވެރި ވެރިންނާ ވެރިކަމުގެ ބާރުގެ ދަށުގައި ދީނީ އިލްމުވެރިން ތާށިވެ ހައްގު ބަސް ބުނަން ފަސް ޖެހުމުންނެވެ. މިބުނެވެނީ ހެޔޮބަސްކަމަށް ހީކޮށް ބޮޑެތި މުންކަރާތްތައް ނޭނގުމުގެ ތެރޭގައި އަރައިގަނެވެނީއެވެ. މެލޭޝިއާގެ މިސްކިތް އިވެންޓް ކަމަށް ބުނާ އިވެންޓަކީ ތަބްލީޢީ ޖަމާއަތުން ކޮންމެ އަހަރަކު ބާއްވާ އާއްމު އެއްވުންތަކެކެވެ. އެއީ ދީނުގައި އަސްލެއްނެތް ބޮޑެތި ބިދުއަތަކެވެ. މަސްިޖުލް ހަރަމް އާ، މަސްޖިދުއް ނަބަވީ އަދި މަސްޖިދުލް އަގްސާ ފިޔަވައި ދަތުރު ހަދައިގެން ސަވާބު އެދިގެން މުސްލިމުން ދާންޖެހޭ މިސްކިތެއް ބިމެއް ނެތްކަން ހަދީސްފުޅުތަކުން ސާބިިތުވެއެވެ. ވީމާ ވަކި ފިރުގާއަކުން ނުވަތަ މަޒުހަބަކުން ވަކި ބިމަކަށް މުސްލިމުން އެއްކޮށް ދީން ކުރިއަރުވަން ކުރާ އަސްލެއް ނެތް ބިދުއަވެރި ކަމެއް މިސްކިތްތަކާ ގުޅުވޭނެ ހަމައެއް ނުވެއެވެ.
އެހެނިހެން ތަންތަނާ ޙިލާފަށް މިސްކިތްތަކުގައ ފަސްވަގުތު ޖަމާއަތުގައި މިކުރެވޭ  ނަމާދަކީ ވުޞޫގެ ސާފުތާހިރު ކަން މަތީ ކުރެވޭ 5 ވަރަކަށް މިނެޓުން   ނިންމާލެވޭ އަޅުކަމެކެވެ. އަދި ވުޞޫ ކުރުމުގައި ވެސް ދޮވެވިގެން މިދަނީ ކޮރޯނާ ވައިރަސް ހަށިގަނޑަށް ވަންނަން  މެދުވެރިވާ 3 ގުނަވަން ހުރި މޫނު އަދި ދެއަތްތިލަ ފައި އަދި ބޮލެވެ. އަދި އަނގަޔަށް ފެންލާ އިރު ގާގަލް ކުރުމަކީވެސް މުސްތަހައްބުވެގެން ވާ ގިނަ ބަޔަކު މިހާރު އިހުމާލު ވެފައިވާ ސުންނަތެކެވެ. ކާއިނާތާއި ދީނުގެ އަޅުކަންތައް ޑިޒައިން ކުރެއްވި ފަރާތަށް ކޮރޯނާ ވައިރަސް އެއް ފަދަ މަޙްލޫގެއް ފާ ކުރައްވައިގެން އުއްމަތުގެ އެންމެން ޖަމާއަތުގެ އަޅުކަން ކުރުން ހުއްޓާލަން ޖެހޭ ފަދަ ގޮތެއް މެދުވެރިވެދާނެކަން އެނގިވޮޑިނުގެން ފާނެތޯއެވެ؟ އެފަދަ ކަމެއް ދިމާވެއްޖެއްޔާ ކުރާނެ ކަން ދަންނަ ބޭކަލުންގެ ގިޔާސް އަށް ދޫކުރެވިދާނެ ތޯއެވެ؟ ޝައްކެއްވެސް ނެތެވެ. އިސްލާމްދީނަކީ އަދި އިސްލާމީ ޝަރީއަތަކީ ފުރިހަމަ ވެފައިވާ ދީނެކެވެ. މިދީނުގެ ފުރިހަމަ ކަން އިންސާނުނަށް ނޭނގުމަކކީ އިންސާނުންގެ އުނިކަމެކެވެ.  

މުސްލިމުންގެ މައްޗަށް އެކަލާނގެ ފަރުޝު ކުރެއްވި 5 ނަމާދު ޖަމާއަތުގަ ކުރުން ހުއްޓާލުމަށް ދަލީލު ތާރީޙީ ގޮތުން ވެސް ނަގާފައިވަނީ މާ ބޮޑު އަސްލެއް ސައްހަ ދަލީލެއް ހުއްޖަތެއް ނެތް ތާރީޙީ ކަންތައްތަކާ ގުޅުވައިގެންނެވެ. ކީރިތި ރަސޫލާ، އަދި މާތް އަސްހާބުންނާ އިތުރު ތާބިއީ ބޭކަލުންގެ ޒަމާނުގައިވެސް ގައިން ގަޔަށް އަރާ ބަލިތައް އިސްލާމީ އުއްމަތުގެ ކަންކޮޅުތަކުގައި ފެތުރުނެވެ. އެކަމަކުވެސް އިސްލާމީ އުއްމަތް އެއްކޮށް ނުވަތަ ބޮޑެތި ބައްރުތަކުގައި އެއްކޮށް ޖަމާއަތުގެ ނަމާދު ހުއްޓާލަން އެބޭކަލުން ފަތުވާ ނުނެރުއްވައެވެ. އަދި މިއަދުގެ ދަންނަ ބޭކަލުން ފަދައިން އަނިޔާވެރި ވެރިކަންތަކާ ވެރިންގެ އަނިޔާއަށް ބިރުން ހައްގުބަސް ބުނުމުގައި ފަސްޖެހުނު ބަޔެއް ކަމުގައި އެބޭކަލުން ނުވެއެވެ. އިސްލާމީ ތާރީޙުގައި ހިތްދަތި ބިރުވެރި ކިތަންމެ ހާދިސާތަކެއް ހިނގާފަ އެބަހުއްޓެވެ. ހުރުމަތްތެރި ކުރެވިގެންވާ މައްކާގައި ހަނގުރާމަ ކުރުމާއި، ހަޖަރުލް އަސްވަދު ވަގައް ނެގުމާއި އަނިޔާވެރި ރަސްކަލުންގެ ސަބަބުން ހައްޖަށް ނުދެވުމާއި މި ފަދަ ކިތަންމެ ކަމެއް ހިނގާފައި އެބަހުއްޓެވެ. އެކަމަކު ގޯސް ކޮށް ކުރެވުނު ކަމަކީ ހުއްޖަތެއް ކަމަށް ދެކިގެން އެފަދަ ކަންތައް ތަކުރާރު ކުރުމަކީ އޭގެ ބުރުހާނެއް ކަމަށް ދެކުމަކީ ރަނގަޅު ކަމެއް ނޫނެވެ.   ރަސްކަމާ ވެރިކަމުގެ ނުފޫޒުގެ ބިރަށް ހައްގު ބަސް ބުނަން ނުކެރުމަކީ އިންސާނުންގެ ތެރޭގައި އާއްމު ކަމެކެވެ. އޭރުވެސް އަދި މިހާރުވެސް މެއެވެ. އޭރުވެސް ހައްގު ބަސް ބުނެ އެކަމުގެ ސަބަބުން އަދަބު ލިބުނު މީހުން ފަދައިން މިހާރުވެސް ހައްގު ބަސް ބުނާ މަދު ދީނީ އިލްމުވެރިން ވެސް އުޅެއެވެ. ތަފާތަކީ މިއަދަދު އޭރަށް ވުރެ މިހާރު މަދުވުމެވެ. ކަންވާނީވެސް އެހެންނެވެ. ގިޔާމަތް ކާރިވާ ވަރަކަށް ދީނުގެ އިލްމު ވެރިން ގެ ތެރެއިން ހައްގު މަގުގައި ސާބިތުވާނެ މީހުން މަދުވާނެއެވެ. އަދި އާޙިރުގައި ނެތިގެން ދާނެއެވެ.

ސައިންޓިފިކް ގޮތުން ވައިރަސް އެއް ފެތުރުން ހުއްޓުވަން އޮންނަ ގޮތްތަކަކީ:
1.  އެ ވައިރަސް ފެތުރިދާނެ މަގުތައް ބަންދު ކުރުން (ކަރަންޓީނު ކުރުން)،  
2. އެ ވައިރަސް ފެތުރި ދާނެ ކަމަށް ބެލެވޭ މީހުންނަށް ވެކްސިން ދިނުން އަދި
3. އެފަދަ ވެކްސިނެއް ހެދިފަ ނެތްނަމަ އެވައިރަސް ގެ ނުރައްކާތެރިކަން ކުޑަ ފަރާތްތައް އެ ވައިރަސް އައް ހުށައެޅުމެވެ (ހާޑް އިމިއުނިޓީ)

ކޮރޯނާ ވައިރަސް ޖެހެން ފެށިފަހުން މިއަދާ ހަމައަށް އޭގެ 30 ވަރަކަށް ވައްތަރު ފެނިފައިވެއެވެ. އަދި ބަދަލު ވަމުން މި އަންނަ ވައިރަސް ގެ އެތައް ވައްތަރެއް އުޅޭނެކަމަށް އިޒްރޭލުގެ ސައިންސްވެރިން ލަފާ ކުރެއެވެ  އަދި މީގެ ބައެއް ވައްތަރު ތަކަކީ އިންސާނުންގެ ހަށިގަނޑުތެރޭގައި ފެތުރުން އަވަސް، ބައެއް އެއްޗެހި ފެތުރުން ލަސް އަދި ބައެއް ވައްތަރު ތަކަކީ ފެތުރުނަސް އިންސާނުންގެ ސެލްތަކަށް މާ ބޮޑަށް ހަމަލާ ނުދޭ ވައްތަރު ތަކެކެވެ. މިކަމުގެ ރަނަގޅު މިސާލަކީ ބިން ބޮޑު ބައެއް ބައްރުތަކުގައި (އިންޑިއާ، ބްރެޒިލް، މެކްސިކޯ ފަދަ ގައުމުތަކުގައި) މި ބަލި ޖެހިގެން މާގިނަ މީހުން ތަކެއް ފަނާވެގެން ނުދެއެވެ. އެކަމަކު ބައެއް ގައުމުތަކުގައި (އިޓަލީ، ސްޕޭން، އެމެރިކާ ފަދަ ގައުމުތަކުގައި) މި ނިސްބަތް ތަފާތެވެ.

ކަރަންޓީނު ކުރުމުގައި ވެސް ދުނިޔޭގެ އެކި ގައުމުތަކުގައި އަމަލު ކުރި ގޮތް ތަފާތެވެ. އަދި ކަރަންޓީނު ކުރި ބައެއް ގައުމުތަކުގައި މި ވައިރަސް ޖެހުނު މިންވަރުވެސް އެކި ހިސާބުގައި ތަފާތެވެ. ޗައިނާގެ ވޫހާންގައި ވަރަށް ގަދައަށް މި ވައިރަސް ފެތުރުނު އިރުވެސް ބެއިޖިން ގައި އެހާ ބޮޑަށް ނުފެތުރެއެވެ. އަދި ޗައިނާއާ އިންވެގެން އޮތް ޓައިވާން ގައި އެއްވެސް ވަރަކަށް ގައުމު ބަންދު ވެސް ނުކުރެއެވެ. އަދި ޗައިނާގައި ފެތުރުނު ވަރާ ގާތަށް ވެސް ނުފެތުރެއެވެ. މީގެ އިތުރުން ބްރެޒިލް އަދި ސްވިޑެން ގަ ވެސް ލޮކްޑައުން އެއް ނުކުރެއެވެ. އަދި ކޮރޯނާ ވައިރަސްގެ ސަބަބުން މީހުން މަރުވާ ނިސްބަތް މައްޗެއް ނޫނެވެ. (ލިންކް ތިރީގައި)

  ކޮންމެ ގޮތެއް ވިޔަސް ކޮންމެ އަހަރަކު ވައިރަލް ރޯގާ ތަކުގެ ސަބަބުން 650 ލައްކަ ވަރަކަށް މީހުން ދުނިޔެ ދޫކޮށް ދެއެވެ. ކޮރޯނާ ވައިރަސް ގެ ސަބަބުން މިއަދަދަށް މި އަހަރު މީހުން މަރުވާނެ ކަމަށް އަސްލު ލަފާ ނުކުރެވެއެވެ. ނަމަވެސް ކުރީ އަހަރު ތަކާ ޙިލާފަށް މިއަހަރު ހިނގާނެ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ގައުމުތައް އެއްކޮށް ބަންދު ކުރުމުގެ ސަބަބުން އެތައް މިލިއަން މީހުން ބަނޑަށް ޖެހި ވަޒީފާ ގެއްލި އަދި ފަގީރު ވެދާނެ ކަމުގެ ބިރަށް އެތައް މިލިއަން އެބޯޝަން ހެދުން ފަދަ ކަންތައް ދުނިޔޭގަ ހިނގާނެއެވެ. އަދި އެހެން ފަހަރު ތަކާ ޙިލާފަށް މިފަހަރު ކޮވިޑް 19 ގެ ސަބަބުން މަރުވީ ކަމަށް އެތައް ލައްކަ އިތުރަށް ރިކޯޑު ކުރެވޭނެއެވެ. އެއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ކަންކުރަމުން އަންނަ އުސޫލަކީ ކޮންމެ ބައްޔެއް ޖެހިގެން މީހަކު މަރުވިޔަސް އެމީހާގައިގައި ކޮވިޑް 19 ވައިރަސް ހުރި ނަމަ އެމީހާ މަރުވީ ކޮވިޑް19 ޖެހިގެން ކަމަށް ބެލެވޭނެއެވެ. މި އުސޫލު ވަނީ އެމެރިކާގަވެސް އަންގާ އާއްމު ކޮށްފައެވެ.  

މިހެން ކަންތައް މިވަނީ ވަކި ބަޔެއްގެ ވަކި އެޖެންޑާއެއް އޮވެގެންނޭ ބުނެވޭކަށް ނެތެވެ. އެއީ ހަމަ މިހާރު ކަންތައް ރޭވިފައި ވާ ގޮތުންނެވެ. ވާދަވެރި އެކި އެކި މަސައްކަތްތަކުގެ ސަބަބުން ކަންތައް ވާ ގޮތެވެ. ނޫސް ވެރިން ނޫސް ލިޔަނީ އޭގެ ޝޮކް ވެލިއު އެންމެ ބޮޑުވާގޮތަށް ބަލާފައެވެ. އެއީ ކޮންމެ ނޫހެއްވެސް އަދި ޓީވީ ސްޓޭޝަނެއްވެސް މަސައްކަތް ކުރަނީ އެބަޔެއްގެ އޯޑިއަންސް އިތުރު ކުރުމަށެވެ. އޭރަކު އޮންނަ ޓްރެންޑަކަށް ފެތެން އެންމެންނަށް މަޖުބޫރު ވެއެވެ. މި އުސޫލުގެ ދަށުން ނޫސްވެރިންނާ ޑޮކްޓަރުންނާ ސިޔާސީ ލީޑަރުން ވެސް މަސައްކަތް ކުރެއެވެ. ކޮންމެ މީހަކުވެސް ވިސްނަނީ އެމީހެއްގެ ވަޒީފާ ސަލާމަތް ވާނެ ގޮތަކާ ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތަކާ ގޯސް ނިންމުމެއް ނަމަވެސް އެ ނިންމުން މުޖުތަމައުގެ ގިނަ މީހުން ގަބޫލު ކުރާ ގޮތަށް ބެހެއްޓޭތޯއެވެ. ކޮންމެހެން ހައްގުގެ މައްޗަށް ބުރަވެ މީހުން ނުރުހޭނެ ޙަބަރު ގެނެސްދޭކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. 

މިފަދަ ހާލަތަށް ދުނިޔެ މިއަދު ގޮސްފައިވާއިރު މަސީހުއް ދައްޖާލު ފާޅު ކުރެވި އެސޮރުގެ ފިތުނަ މީހުންގެ މައްޗަށް ހުށައެޅޭއިރު ވާނެ ގޮތާ މެދު ފިކުރު ހިންގަވާ ލައްވާށެވެ. އެސޮރު ހުށައަޅާ ކަންތައްތަކުގެ ތެރޭގައި ހެޔޮ ކަމެއްކަމަށް މީހުންނަށް ހީވާ ކަންތައް އޭގެ އަސްލު ޒާތުގައި ނުބައިކަންތަތައް ކަމަށް ވާނެއެވެ. އަދި އޭނާއަށް އުރެދޭ އޭނާއާ ދެކޮޅުވާން ކެރޭ މީހުންނަކީ ނުބައި މީހުންކަމަށް މުޅި ދުނިޔެވެސް ހެކި ދޭނެއެވެ. އެކަމަކު އެއީ ހަގީގަތް ތޯއެވެ؟ 5 ވަގުތުގެ ނަމާދު ގެ ޖަމާއަތް މުޅި ދުނިޔެއިން ފަދަ ގޮތަކަށް ކުރުން ހުއްޓާލިއިރު މި ކުރެވެނީ ގޯސް ކަމެއްތޯ ސުވާލެއް ނޫފެދޭތޯއެވެ؟ މިފަދަ ކުދި އިމްތިހާނުން އަޅުގނޑުމެން ފަސޭހައިން ފޭލް ވާ އިރު ދައްޖާލުގެ ފިތުނައިން އަޅުގަނޑުމެން ސަލާމަތް ވާނެ ތޯއެވެ؟



Following