އިސްލާމް ދީނުގައި ވެރިކަން ކުރުމުގެ ނިޒާމުގައި ރައްޔިތުންގެ މަޖިލީސް އެއް ނޯންނާނެއެވެ. އޮންނާނީ އިލްމުވެރިންގެ މަޖިލީހެކެވެ. ސަބަބަކީ އިސްލާމް ދީނުގައި ވެރިކަމުގެ ހުރިހާ ބާރުތައް އުފެދިގެން އަންނަނީ ރައްޔިތުންގެ ފަރާތަކުންނެއް ނޫނެވެ. އެބާރުތައް އަންނަނީ ރައްޔިތުންނާ ރާއްޖެތައްވެސް ހެއްދެވި ފަރާތުގެ ހަޟުރަތުންނެވެ. ވީމާ އެކަލާނގެ ބާވާލެއްވި ހުކުމްތަކާ ދެކޮޅަށް ވަކާލާތު ކުރާނެ ވަކީލުންތަކަކަށް ބޭނުމެއް ނުވެއެވެ. އަދި މުސްލިމަކަށްވެ ހުރެ އިސްލާމީ ޝަރީއަތާ ދެކޮޅަށް ވަކާލާތު ކުރާކަށް އިސްލާމަކަށް ނުވެސް ކެރޭނެއެވެ. އުމަރުގެފާނުގެ ޙަލީފާކަމުގެ ޒަމާނުގައި އެކަލޭގެފާނުގެ އަރިއަހަށް ހުށަހެޅުނު މައްސަލައަކާ ވިދިގެން ވިދާޅުވިއެވެ. “ތިޔަ ކަމެއް ހިނގައިފި ހެއްޔެވެ؟” ޖަވާބުގައި ނޫނެކޭ ދެންނެވުމުން ވިދާޅުވިއެވެ. “ތިޔަ ކަމެއް ހިނގިއިރަކުން އަހަރެން ކާރިއަށް އަންނާށެވެ! އޭރުން އަހަރެން ބަދުރުގެ ސަހާބީން ގެންނާނަމެވެ. އަދި އެބޭކަލުން ވިދާޅުވި އެއްޗެއް ތިޔަ ބޭކަލުންނަށް ކިޔާދެއްވާނަމެވެ.”
ބަދުރުގެ ސަހާބީން ކަމަށް އެކަލޭގެފާނު އެވިދާޅުވި ބޭކަލުންނަކީ އެކަލާނގެ އެބެއިކަލުންގެ ފާފަތައް ފުއްސަވައިފި ކަމުގެ ޙަބަރު ދެއްވާފައި ތިބި އޭރު ބިންމަތީގައި ތިބި އެންމެ އިއްޒަތްތެރި ގަދަރުވެރި ބޭކަލުންނެވެ. އެބެއިކަލުންނަކީ އެބެއިކަލުންގެ ފަތުވާއަށް އުޖޫރަ ހިއްޕަވާނެ ބައެއް ނޫނެވެ. އަދި އިމްތިޔާޒު ތަކެއްވެސް ބޭނުން ކުރެއްވި ބައެއް ނޫނެވެ. އެބޭކަލުންނަށް މީހުން މުޙާތަބު ކުރާއިރު “އިއްޒަތްތެރި” މިލަގަބު ވެސް ބޭނުންކުރާކަށް ނުޖެހެއެވެ. އަދި އެބޭކަލުންނަކީ ވެރިކަމުގެ 3 ބާރުގެ ތެރެއިން ބާރެއްގެ ބައެއްވެސް ނޫނެވެ. އެބެއިކަލުން ތިއްބަވަނީ ޙަލީފާއަށް ފުރިހަމައަށް ކިޔަމަންވެ ބައިއަތު ހިއްޕަވައިގެންނެވެ. އެއީ ޙަލީފާ އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު އެވެ.
No comments:
Post a Comment